ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ތިން މެންބަރުން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަސް ނަމެއް މަޖިލީހަށް ފޮނުވާފައިވެއެވެ. އެއީ މ. ލިލީޒް، އަޒްހާ ޒަމީރު އާއި ދަފްތަރު، އައިމިނަތު އަލީ އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތިމަތު ޒީނާ އަލީ އާއި ޝާޒީބިން ބ. ކެންދޫ، އައިޝަތު ޝީޒާ އެވެ.

އެ ނަން ދިރާސާ ކުރުމަށް ފަހު ލާމަރުކަޒީ ކޮމިޓީން ތަޅުމަށް ފޮނުވީ ތިން ނަމެކެވެ. އެއީ އަޒްހާ ޒަމީރު / މ. ލިލީޒް އާއި، ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ އަދި ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން އަވެ.

މިއަދުގެ ޖަލްސާގައި އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަނުކުރާ މެންބަރުން ކަނޑައެޅުމަށް ވޯޓު ނަގާފައިވާއިރު އަޒްހާ ޒަމީރު އަދި ފާތުމަތު ނިއުމާ އެލްޖީއޭގެ ބޯޑަށް އައްޔަނު ކުރުމަށް ރުުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ވޯޓުންނެވެ. އަދި ފާތިމަތު ޒީނާ ބޯޑަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެއް ހިމެނެން ޖެހެއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފައެވެ.