ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑް ކުރުމުގެ މަރުޙަލާ ކުރިއަށްގެންދާ ކަމަށާ އެ މަރުޙަލާއަށްފަހު އިސްލާމިކް މިނިސްޓްރީން ވެސް ފޮތްތައް ފާސް ކުރާ ކަމަށެވެ.

އެގޮތުން އެ ދެ މަރުހަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވަނީ އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށާ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށާފައިވާ ކަމަށް އިއްޔެ މިނިސްޓްރީން ވަނީ ބުނެފައެވެ.