ގްރޭޑް 6 ގެ ދަރިވަރުންގެ ގުރުއާން ފޮތުގެ ސޫރަތެއްގައި ކުށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގްރޭޑް 6 ގެ ގުރުއާން މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ކައުސަރް ނިންމުމަށް ފަހު ވަނީ ދެ ކަލިމަ އިތުރު ކޮށްފައެވެ.

މިއަދު ވަނީ ގްރޭޑް 11 ފޮތުގެ ސޫރަތުލް ޖުމްއާގެ 10 ވަނަ އާޔަތް ނުބައިކޮށް ލިޔެފައިވާ މައްސަލަ އެއްވެސް ފެންމަތިވެފައެވެ. އިއްޔެ ވަނީ ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މައްސުނިވެފައި އޮތް މައްސަލައެއް އަދި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.

ގްރޭޑް 12 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ އެ ފޮތުގެ 39 ވަނަ ސޮފްހާގައެވެ. އެއީ އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.

ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށައިފި ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.