ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓަށް ގަންނަ މުދާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގައި އެއް މަސް ދުވަހަށް ބަހައްޓައިދޭ ގޮތަށް އެ ކުންފުނިން ހާއްސަ ޕްރޯމަޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ ތެރެއިން އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހުރިހާ އެއްޗަކުން ވެސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި ގަންނަ މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަަމަށް ބުނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯއިން ކުރާ 5،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި އެސްޓީއޯގެ މި ޕްރޯމަޝަނުގެ ތެރެއިން ތިން ނަސީބުވެރިން ހޮވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން އެއްވަނަ ނަސީބުވެރިއަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ދެވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ތިންވަނަ އަށް 5،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ތަކެތި ގަންނަ އިރު ހުށަހަޅަންޖެހެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޮޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ގަނެގެންވެސް ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނަކީ ހަ މަސް ދުވަހަށް ހިންގާ ޕްރޮމޯޝަނެކެވެ.