ސްކޫލްތަކުގައި ދަރިވަރުން ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވެ، އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ އެއިންސްޓިޓިއުޓުން ޝާއިއު ކޮށްފައިވާ ތަދުރީސުލްގުރްއާން ގުރޭޑް 1 ގެ ދަރިވަރުންގެ ފޮތުގެ ތިންވަނަ ޗާޕުގެ 2 ވަނަ ޔުނިޓުގެ 64 ވަނަ ސަފްހާގައި ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ތަދުރީސުލް ގުރްއާން ގުރޭޑް 1ގެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ސޫރަތުއް ނަބައު ކިޔަވާދޭވާއިރު ކީރިތި ގުރްއާނުގައި އޮންނަ ގޮތަށް ކިޔަވާދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އިސްލާހުކޮށްފައިވާ ސަފްހާ ދަރިވަރުންގެ ފޮތުގައި ތަތްކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެފޮތުގެ އިތުރުން އަލަށް ތައާރަފު ކުރި ތަދުރީސުލްގުރްއާން ގުރޭޑް 1 ގެ ދަރިވަރުންގެ ފޮތުގެ އިތުރުން ކުރީގައި އެކުލަވާލައިފައިވާ، އެހެން ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ކުށް ހުރިކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ އެފަދަ ކުށްތަކާއެކު ފޮތް ޝާއިއު ކުރެވެން ދިމާވި ގޮތް އެ އިންސްޓިޓިއުޓުން ބަލާ، އެފަދަ ކުށެއް ތަކުރާރު ވިޔަ ނުދިނުމަށާއި ފޮތް އެކުލަވާލުމުގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ އިންސްޓިޓިއުޓުގެ މުއައްޒަފުން ނުހިމެނޭ، މިނިވަން، ފަންނީ ބޭފުޅުންގެ ޓީމަކުން، އިސްލާމް އަދި ގުރުއާން އެ ދެމާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.