ގްރޭޑް 11 ގެ ދަރިވަރުންގެ އިސްލާމް ފޮތުގައި ވެސް އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގްރޭޑް 11 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ ސޫރަތުލް ޖުމުއާގެ 10 ވަނަ އާޔަތެވެ.

ގްރޭޑް 11 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވި އިރު އިއްޔެ ވަނީ ގްރޭޑް 1 ގެ ގުރުއާން ފޮތުގައި ލިޔެފައިވާ ދެ ސޫރަތެއް މައްސުނި ވެފައި އޮތް މައްސަލައެއް އަދި ގްރޭޑް 12 ގެ އިސްލާމް ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.

ގްރޭޑް 12 ގެ އިސްލާމް މައްދާގެ ދަރިވަރުން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައި ވަނީ އެ ފޮތުގެ 39 ވަނަ ސޮފްހާގައެވެ. އެއީ އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތެވެ.

މި ކަމާ ގުޅިގެން އެ ފޮތްތަކުގެ އެ ސޮފްހާތަކަށް ބަދަލުގެންނަން މަސައްކަތް ކުރާ ކަމަށާއި ބަދަލު ގެނައުމުގައި ކަން ކުރާނެ ގޮތް ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.