އެމްޑީޕީ އޮފީސްތެރޭގައި ހިންގި މާރާމާރީގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 39 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހާފައެވެ.

މަންދީ އަށް އަނިޔާ ލިބުނު މާރާމާރި ހިންގާފައި ވަނީ މިމަހު 3 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެމްޑީޕީ އޮފީހުގައި ހުރި ފިރިހެން މުވައްޒަފަކަށް ވެސް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި މަންދީގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މި ހަމަލާ ދީފައިވަނީ އެމްޑީޕީ ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކެވެ.

އެކަމާއި ގުޅިގެން މަންދީ ވަނީ އޭނާއަށް އަނިޔާ ކުރި މީހާ ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ވަން ދެން ބޭއްވުމަށް ފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރަން ނޭދޭ ކަމަށާއި އެ މީހާއަކީ ފަރުވާ ބޭނުންވާ މީހެއް ކަމަށް ވިދާޅުވެއެވެ.

މަންދީ މިހެން ވިދާޅުވި އިރު އެމްޑީޕީން ވަނީ އެ އޮފީސްތެރޭ ހިންގި މާރާމާރި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް ގޮވާލާފައެވެ. އަދި އެޕާޓީން ވަނީ އެ އަމަލު ހަރުއަޑުން ކުށަވެރިކޮށް އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.