ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވުމާ އިންތިހާ ގާތަށް ޖެހިލުމަށް ފަހު، ކަނޑުމަހުގެ ދިރުން ތިޔާގިވާން ފަށާފައި ވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު، ކަނޑުމަހުގެ ދިރުންތައް އާލާވެ، ތިޔާގި ވާން ފަށާފައި މިވަނީ، ކަނޑުމަހުގެ ދިރުންތައް ރައްކާތެރިކުރުމަށް ފާއިތުވީ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށް ބުނެވެއެވެ.

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ އިންޒާރުގެ ރަތް ލިސްޓު އެކުލަވާލާ އިންޓަނޭޝަނަލް ޔޫނިއަން ފޮ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ވަނީ، ކަނޑުމަހުގެ ދިރުން އާލާވާން ފަށާފައި ވީ ނަމަވެސް، ބައެސް ސްޓޮކް އަދިވެސް އިންތިހާއަށް ދަށަށް ދާ ކަމަށެވެ.

މަސަވެރިން މަސް ބޭނުމުގައި / ފޮޓޯ: ޒުވާން މަސްވެރިޔާ

އަދި ކަނޑުގެ ދިރުންތަކަށް އޮތް ޕްރެޝަރުވެސް އިންތިހާއަށް އިތުރު ވަމުން އަންނަ ކަން، އައިޔޫސީއެންއިން ފާހަގަ ކުރެއެވެ.

ސެޕްޓެމްބަރު 3 އިން 11 ގެ ނިޔަލަށް ފަރަންސޭސިވިލާތުގައި ކުރިއަށްދާ ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސްއާއ ދިމާކޮށް އައިޔޫސީއެންއިން އެކުލަވާލި ރަތް ލިސްޓަށް ބަލާއިރު، 4 ބާވަތެއްގެ ކަނޑުގެ މަހުގެ ދިރުންތަކަށް އުއްމީދު ގެނުވިއިރު، ނުރައްކާ ދަރަޖާގައި ވާ ބާވަތްތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެޓްލާންޓީކް ސަރަހައްދުގެ ހުޅަނގުން އާންމު ކޮށް ފެންނަމުން ދިޔަ ބްލޫފިން ޓޫނާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުން ފެންނަ ރީނދޫ އުރަހަ ކަންނެލި ނުވަތަ ޔެލޯފިން ޓޫނާގެ ސްޓޮކްއާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރަން ޖެހެއެވެ.

ދިވެހިން ކޭންތަކާވެސް އިންތިހާއަށް ރައްޓެހި ކަޅުބިލަ މަހާއި، ރީނދޫ އުރަހަ ކަންނެލި ފަދަ މަސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ކެއުމެއްގެ ގޮތުގައި ބަރޯސާވެފައިވާ ބާވަތްތަކަކަށް ވާއިރު، މިއީ ވިޔަފާރީގެ ގޮތުންވެސް އެންމެ އަގު ހުންނަ ބާވަތްތަކެވެ.

މަސްވެރިން މަސް ބާނަނީ / ފޮޓޯ: ދިވެހި މަސްވެރިން

ކަނޑުމަހުގެ ދިރުންތަކުގެ ހާލަތު މިފަދަ ގޮތަކަށް ހުރިއިރު، މިޔަރާއި މަޑީގެ އާބާދީވެސް ވަނީ ނުރައްކަލުގެ ތެރޭގައި ކަން ފާހަގަ ކުރަންޖެހެއެވެ. 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާތަކުން ދެއްކި ގޮތުގައި މިޔަރާއި މަޑީގެ ދިރުންތަކުގެ 3 ބައިކުޅަ 1 ބަޔަށް ނުރައްކާ ކުރިމަތިވެފައިވެއެވެ.

މިޔަރު ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް ފަހުގެ ހޯދުންތަކުން ދައްކާ / ފޮޓޯ: ގެޓިީ އިމޭޖަޒް

ނަމަވެސް، މި އަދަދު މިހާރު 37 ޕަސެންޓަށް އިތުރު ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި އަދަދު އިތުރު ވެފައި ވަނީ މަސްވެރި ކަމުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުގެ އިތުރުން މިޔަރު އުރަހައަށް އޮންނަ ޣައިރު ގާނޫނީ ޑިމާންޑާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން ވެށި ތަޣައްޔަރު ވުމުގެ ސަބަބުންނެވެ.

ފަރަންސޭސިވިލާތުގައި ކުރިއަށްދާ ވޯލްޑް ކޮންޒަވޭޝަން ކޮންގްރެސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ސަރުކާރުތަކެއްގެ އިތުރުން ސައެންސްވެރިންގެ އެއްބާރުލުންވެސް ލިބެމުންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ދުނިޔޭގެ ދިރުންތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން އދއިން ކުރިއަށް ރާވާފައިވާ ސަމިޓްތަކަށްވެސް މުހިންމު ބައްދަލުވުމެކެވެ.