ތެލާއި ކާޑުގެ ބާވަތްތައް ގަންނަން އެސްޓީއޯއިން 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލެމްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަމްރު ވަނީ، ކޯވިޑްގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއަށް ވެދިން އެހީތެރިކަމަށް އައިޓީއެފްސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އައިޓީއެފްސީއާއެކު ގާތް ގުޅުމެއް ބޭއްވުމަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓަށް ވަޑައިގަތީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.