މި އަހަރުގެ ފާއިތުވެ ދިޔަ 8 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް 140 މީހަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ ހަމަޖައްސައިދިިން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސް ކަމެއް ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ 74 ކުޑަކުދިންނަށް ދައުލަތުން ވަކީލުން ހަމަަޖައްސައިދިނެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު 28 މީހަކާއި 31 އަހަރާއި 50 އަހަރާ ދެމެދު 31 މީހަކާއި 50 އަހަރުން މަތީގެ ހަތް މީހަކަށް ވެސް ދައުލަތުން ވަކީލުން ހަމަޖައްސައިދީފައިވެއެވެ.
ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް ގާނޫނީ ވަކީލުން ހަމަޖައްސައިދިން ކުށްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ސަބަބުން ވަކީލުން ހަމަޖައްސައިދިން ކުދިންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 40 ކުޑަކުއްޖަކަށް ދައުލަތުން ވަނީ ވަކީލުން ހަމަޖައްސައިދީފައެވެ.
އޭޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 12 ކުއްޖަކަށް ވަނީ މާރާމާރީ ހިންގުމާއި އަނިޔާގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސާފައެވެ. ވައްކަން ކުރުމާއި މަކަރާ ހީލަތުން ފައިސާ ހޯދައިގެން އަށް ކުއްޖަކަށް ވަކީލުން ހަމަޖައްސާފައި ވާއިރު މުދަލަށް ގެއްލުން ދީގެން ހަތަރު ކުއްޖަކަށް ވޭތު ވެދިޔަ 8 މަސް ތެރޭގައި ދައުލަތުން ވަނީ ވަކީލުން ހަމަޖައްސައިދީފައެވެ.
ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ ތުހުމަތުވި ތިން ކުއްޖަކާއި މީހުން މެރުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުއްޖަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ދެ ކުއްޖެއްގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ މަރުގެ އިންޒާރުދިން ދެ ކުއްޖަކަށް ވެސް ވަނީ ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
18 އަހަރުން މަތީގެ 38 މީހަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުލަތުން ވަކީލުން ހަމަޖައްސައިދިންއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ 17 މީހަކަށް ވަނީ ވަކީލުން ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، މީހުން މެރުމުގެ މައްސަލަތަކުގައި 4 މީހަކަށް، ވައްކަން ކުރުމާއި ހިޔާނާތުގެ މައްސަލަތަކުގައި 3 މީހަކަށް ވަކީލުން ހަމަޖައްސައިދީފައިވާއިރު މާރާމާރީގެ އާއި އަނިޔާ ދިނުމުގެ 2 މީހަކަށާއި ރޭޕްކުރުމުގެ ތުހުމަތުކުރެވޭ އެކަކަށް ދައުލަތުން ވަނީ ވަކީލުން ވަނީ ހަމަޖައްސާފައެވެ.