ޑިއުޓީ މައާފު ކުރުމަށްޓަކައި ކުރިން ހުށަހަޅުން ދިޔަ ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ކަސްޓަމްސް އިން ހަދައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނީ ކަސްޓަމްސް އާންމު ގަވާއިދުގެ ދަށުން ކަސްޓަމްސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "MCS-106" ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ކަސްޓަމްސް އިން ރޭ ކުރި އިއުލާނެއްގައި ބުނީ އެފޯމަކީ އެކިއެކި މުއައްސަސާތަކުން ޑިއުޓީ މައާފުކޮށްދޭ މުދަލުގެ މައުލޫމާތު ފަސޭހަ ކަމާ އެކު ކަސްޓަމްސް އަށް ހުށަހެޅުމަށްޓަކައި ތައާރަފް ކޮށްފައިވާ ފޯމެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިދާރާއަކުން ޑިއުޓީ މައާފްކުރާ މުދަލުގެ މައުލޫމާތު ކަސްޓަމްސް އަށް ލިޔުމުން އަންގާތީއާއި، ޑިއުޓީ މައާފްކޮށް ސަރުކާރުގެ އިދާރާއިން ދޫކޮށްފައިވާ ސިޓީވެސް ކަސްޓަމްސްއަށް ހުށަހަޅަމުން ދާތީ އާއި، އެ ފޯމްގައި އެކުލެވޭ ހުރިހާ މައުލޫމާތަކީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ މަރުހަލާގައި "އަސިކުޑާ ވޯލްޑް" ޕްރޮގްރާމް މެދުވެރިކޮށް ކަސްޓަމްސްއަށް ޑިކްލެއާކުރާ މައުލޫމާތަށް ވާތީ، ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިއުން މަދުކުރުމާއި ފޯރުކޮށްދޭ ހިދުމަތް އަވަސްކުރުމުގެ ގޮތުން އެ ފޯމު ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން، ޑިއުޓީ މައާފްކޮށްފައިވާ މުދަލަށް ޑިކްލަރޭޝަން ހުށަހަޅާއިރު (MCS-106) ފޯމް ކަސްޓަމްސް އަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމުން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، އެކިއެކި އެއްބަސްވުންތަކުގެ ދަށުން ޑިއުޓީ މައާފްވާ މުދަލަށް، އެ އެއްބަސްވުމުގެ ޑިއުޓީ މައާފްވާ އާޓިކަލް/ ކްލޯސް ނަންބަރު ނުވަތަ އެކި މުއައްސަސާތަކުން ޑިއުޓީ މައާފްކުރާ މުދަލަށް އެ މުއައްސަސާ އަކުން ދީފައިވާ ސިޓީ ނަންބަރު "އަސިކުޑާ ވޯލްޑް" ގެ އެ މައުލޫމާތު އެންޓަކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި ބަޔާންކުރަން ޖެހޭގޮތަށް ހަމަޖެހިފައި ވާތީ ޑިއުޓީ މައާފްވާ މުދަލަށް "ގުޑްސް ޑިކްލަރޭޝަން" ފުރިހަމަ ކުރާ އިރު، އެ މައުލޫމާތު ހިމެނުމަށް ސަމާލުކަން ދޭން ވާނެ ކަމަށެވެ.