ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާނުންގެ ކޮންޓްރޯލް އަފްގާނިސްތާނުގައި ގަދަ ކުރަމުން އަންނައިރު، ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާ ކުރިއެރުންތައް ގެއްލި ނުދާނެ ކަން ކަށަވަރު ކުރުމަށް ގޮވާ، ގިނަ އަދަދެއްގެ އަންހެނުންނާއި ޔުނިވާސިޓީ ދަރިވަރުން، ހީރާތުގައި މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގައި ބައިވެރިވި އަންހެނުން ވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން އެ މީހުން ހަނދާން ނައްތާލުމަށް ގޮވަލާފައި ކަމަށް، އަފްގާނިސްތާނުގެ ޓޯލޯ ނިއުސްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އަފްގާނިސްތާނުގައި ސަރުކާރެއް އިއުލާން ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމުގައި ތޯލިބާނުން މަޝްއޫލުވެ އުޅޭ މި ދަނޑިވަޅުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، 50 ވަރަކަށް އަންހެނުން ބައިވެރިވި ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު، ތޯލިބާނުންގެ އިސް ލީޑަރެއް ކަމަށް ވާ ޝޭރު މުހައްމަދު އައްބާސް ސްޓަނިކްޒާއީ ވަނީ، އަފްގާނިސްތާނުގެ އާ ކެބިނެޓްގައި އަންހެނުންނަށް ފުރުސަތު ނޯވެދާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް އަންހެނުންނަށް ވަޒީފާގެ ފުރުސަތު އޮންނާނެ ކަމަށް ތޯލިބާނުން ދަނީ ބުނަމުންނެވެ.

ތޯލިބާނުން ވަނީ އެ ޖަމާއަތުގެ އާ ވެރިކަމުގައި އަންހެނުންގެ ހައްގުތަކަށް ރައްކާތެރި ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުރުން އަފްގާނިސްތާނުގެ އަންހެނުންގެ އާބާދީއިން ދަނީ، މި ވާހަކަ ގަބޫލު ކުރުމަށް ފަސްޖެހެމުން ކަން ފާހަގަ ކުރަން ޖެހެއެވެ.