ސީއެމްބިއުލާންސް ލިބެން ނެތް ހާލަތުގައި، ކަނޑުމަގުން، އެމަޖެންސީކޮށް، އދ. އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ބަލިމީހުން ގެންދިއުމަށް އަމިއްލަ ފަރާތަކާއެކު އާސަންދައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާސައިންދައިން ބުނީ އެމަޖެންސީ ހާލަތުގައި، ވީ އެންމެ އަވަހަކަށް، ބަލިމީހުން އެއްރަށުން އަނެއް ރަށަށް ގެންގޮސްދިނުމަކީ، ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން، ފޯރުކޮށްދެމުން ދާ ހިދުމަތެއް ކަމަށެވެ.

އެގޮތުން، ކަނޑުމަގުން ބަލިމީހުން އުފުލުމުގައި ސީއެމްބިއުލާންސްގެ ހިދުމަތް ލިބޭތޯ ބަލާ، އެއުޅަނދުގެ ހިދުމަތް ނުލިބޭ ފަހަރުތަކުގައި، އަމިއްލަ ފަރާތްތަކުގެ ސްޕީޑްލޯންޗެއްގެ ހިދުމަތް ހޯދާ ކަމަށް އާސަންދައިން ބުނެއެވެ. އެގޮތަށް ސްޕީޑްލޯންޗް ހޯދުމުގައި ބައެއްފަހަރު ވަގުތުތަކެއް ގެއްލިގެން ދާއިރު، ގެއްލޭކޮންމެ ހިނދުކޮޅަކީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެޅިދާނެ ހުރަހަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް އާސަންދަ އިން ބުނެއެއެވެ.

އެހެންކަމުން ފާއިތުވެދިޔަތަނުގެ ތަޖުރިބާއަށާއި ހިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ފީޑްބެކަށް ބަލައިގެން އެހިދުމަތް އިތުރަށް އަވަސްކޮށް ފުރިހަމަކޮށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ރޭވުމުގެ ގޮތުން، ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ހިދުމަތް ލިބެން ނެތް ހާލަތްތަކުގައި، ކުރިން ކަނޑައެޅި ނިމިފައިވާ ވަގުތެއްގެ ތެރޭގައި، އެހެން އުޅަނދެއްގެ ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިން ބުނީ އަޖުމަބެލުމުގެ ގޮތުން ރާއްޖޭގެ ކޮންމެވެސް އެއް އަތޮޅެއްގައި އެކަން ތަންފީޒު ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެމާޖެންސީ ހާލަތުގައި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ހިދުމަތް ނުލިބޭ ފަހަރުތަކުގައި، އދ. އަތޮޅުގެ އެއްރަށުން އަނެއް ރަށަށާއި މާލެއަށް، ބަލިމީހުން ގެންގޮސްދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސްޕީޑް ލޯންޗް ދަތުރުގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ އެއް އަހަރުދުވަހުގެ މުއްދަތަށް ވެވުނު އެ އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ރަޝީދު ކަމަށާއި އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ މޫސާ އިބްރާހީމް ކަމަށެވެ.

އެއެއްބަސްވުމުގެ ދަށުން، އެކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ސްޕީޑް ލޯންޗެއްގެ ހިދުމަތް ބަލިމީހާއަށް ލިބޭނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި، އެކުންފުނިން ހިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ދަތުރު ފެށިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އާސަންދައިން ބުނީ އދ. އަތޮޅުގައި ފެށި އެޕްރޮޖެކްޓަކީ އަޖުމަބެލުމުގެ ގޮތުން ފެށި ޕްރޮޖެކްޓަކަށް ވާތީ، އެކަމުގެ ސަބަބުން ހިދުމަތަށް އަންނަ ބަދަލުތައް އެކުންފުނިން ދިރާސާކޮށް، އެކަމުގެ ސަބަބުން ހިދުމަތް އަވަސްވެ ހިދުމަތުގެ ފެންވަރު ރަނގަޅުވާ ކަމަށް ފާހަގަކުރެވިއްޖެނަމަ، އެޕްރޮޖެކްޓް އެހެން އަތޮޅުތަކަށް ފުޅާކުރުމަށް ވިސްނާ ކަމަށެވެ.