ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި އެމަނިކުފާނުގެ ބަޔާނެއް މުހިއްމުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވުމާ ގުޅިގެން ޕީޖީއަށް ބަޔާން ދެއްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

ނަޝީދުގެ ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދައުވާ ކުރަން ފޮނުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމި ކަން ހާމަ ކުރެއްވުމަށް ފަހުގައެވެ.

މެއި މަހު 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލައިފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެއެވެ.

ނަޝީދުގެ ބަޔާނެެއް ހޯދަން ތަހުގީގީ އިދާރާތަކުން އެދުމުން އެމަނިކުފާނު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދެއް ވެސް ދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުނު ކަމަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ސީޕީ ހަމީދަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ.

ނުރައްކާތެރި އެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވިއިރު އޭޑީކޭއިން ހަފުތާއެއްހާ ދުވަސް ވަން ދެން ފަރުވާ ދެއްވައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. ދޮޅު މަހެއްހާ ދުވަސް ވަން ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ.

ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހަމަލާ ރޭވި އިސް މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެއެވެ.