މިދިޔަ މަހު 12 ގައި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ފަޅުތެރެއިން ހަރުފައެއް ފެނިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަރުފައަކީ އެމްޕީއެލް ސަރަހައްދުގެ ފަޅު ތެރެއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެނުނު ފެން ހަރުފައެއް ކަމަށާއި، އެ ހަރުފަ އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޕީއެލް ތެރެއިން މިދިޔަ މަހު ހަރުފައެއް ފެނިގެން އެ ހަރުފަ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ހަރުފައަށް ހެދީ ކިހިނެތްތޯ ފުލުހުންނާ ސުވާލު ކުރުމުން އެ ސުވާލުގެ ޖަވާބު އަދި ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލް ސަރަހައްދުން އެފެނުނު ހަރުފަ އަކީ ވަރަށް ވިހަގަދަ ހަރުފައެކެވެ. އަދި މިއީ ރާއްޖެއިން އާންމުކޮށް ފެންނަ ހަރުފައެއް ނޫނެވެ.

މިދިޔަ މަހު 29 ވަނަ ދުވަހުވެސް އެމްޕީއެލްގެ މާލެ ކޮމާޝަލް ހާބަރު ތެރެއިން ގޮތްނޭނގޭ ރެޕްޓައިލް އެއް ވަނީ ފެނިފައެވެ.

މިހާރު އެ ރެޕްޓައިލް ވަނީ އެމްއެންޑީއެފް އާ ހަވާލު ކޮށްފައެވެ. އެމްޕީއެލްއިން ވަނީ ބައެއް ފަހަރު ގެންނަ ކޮންޓެއިނާ ތަކުން އެގޮތަށް ދިރޭ އެއްޗެހި ފެންނަ ކަމަށް ބުނެފައެވެ.