އަވަށްޓެރި އިންޑިއާގައި ފެތުރެމުންދާ ގޮތް ނޭނގޭ ހުމެއްގައި، އެ ގައުމުން ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް، ކުއްލި ގޮތަކަށް މަރުވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށް ވާ އުއްތަރަ ޕްރަދޭޝްގައި ގަދަ ހުމާއެކު ގަދައަށް ދާ ހިއްލުމާއެކު، ކުދިން ނިދިން ހޭލާތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ގިނަ އަދަދެއްގެ ކުދިން ދަނީ، ހުޅުހުޅުގައި ރިއްސުމާ، ބޮލުގައި ރިއްސުމާއި، ގައިން ފެން މަދުވުމާއި، މޭ ނުބައިކޮށް، ބޯ އެނބުރުން ފަދަ މައްސަލަތައް ކުރިމަތި ވާ ކަމުގެ ޝާކުވާތައް ކުރަމުންނެވެ. މީގެ އިތުރުން އަތާއި ފައިގައި ބިހިގަނޑުތަކެއް ގޮތަށް ހުންނަ ހަމުގެ ރަތްކަމެއްވެސް ފާހަގަ ކުރެވެއެވެ.

އުއްތަރަ ޕްރަދޭޝްގެ އިރުމަތީ ފަރާތުގެ 6 ޑިސްޓްރިކްޓެއްގެ ހޮސްޕިޓަލުތަކުގައި މި ހުމުގައި އެތައް ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު، މަރުގެ ކޭސްތަކުގެ އަދަދު ވަނީ 50 އަށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މަރުވި އެއްވެސް މީހެއްގެ ހަށިގަނޑުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރެއް ނުފެނެއެވެ.

ކޮންމެ އަހަރެއްގެ މޫސުމީ ވިއްސާރައާ ގުޅިގެން އިންޑިއާގައި، ގޮތް ނޭނގޭ ހުން ފެތުރިގެން ދިއުމަކީ އާންމު ކަމެކެވެ.

ކޭސްތައް ފެންނަމުންދާ ޑިސްޓްރިކްޓްތަކުގެ ޑޮކްޓަރުން ގަބޫލުކުރައްވާ ގޮތުގައި، މަރުގެ ކޭސްތަކުގެ ފަހަތުގައި ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ވައިރަލް ހުމެއް ކަމުގައިވާ ޑެންގީއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހޮސްޕިޓަލަށް ގެންނަ ގިނަ ޕޭޝަންޓޫންގެ ޕްލެޓްލެޓް ކައުންޓް ދަށެވެ. ޕްލޭޓްލެޓަކީ ލޭ ގަނޑުވުމުން ދުރުކޮށްދިނުމަށް ލޭގައި އެކުލެވޭ ބައެކެވެ. ޕްލޭޓްލެޓް ކައުންޓް ދަށްވުމަކީ، ޑެންގީގެ އެންމެ ނުރައްކާ ދަރަޖައިގެ އަލާމާތެކެވެ.

ކަން މިހެން އޮތް ނަމަވެސް، އުއްތަރަ ޕްރަދޭޝްގައި ފެތުރެމުންދާ ގޮތް ނޭނގޭ ހުމާއި މަރުގެ ކޭސްތަކަކީ ސީދާ ޑެންގީ އާ ގުޅޭ ކޭސްތަކެއް ކަން ނުވަތަ ނޫން ކަން އަދި ކަށަވަރެއް ނުވެއެވެ. އަދި މަރުގެ ކޭސްތަކަކީ ހަމައެކަނީ ޑެންގީ ކޭސްތަކެއް ކަމަށްވެސް ބުނެވޭ ކަށް ނެތެވެ.

2006 ވަނަ އަހަރުވެސް އުއްތަރަ ޕްރަދޭޝްގައި ގަދަ ހުމެއް ފެތުރިގެން ހޯދި ހޯދުން ތަކުން، އެ ހުން ފެތުރުނީ ކާނާ ވިހަވުމުގެ ސަބަބުން ކަން ވަނީ ދެނެގަނެވިފައެވެ. ކާނާ ވިހަ ވުމުގެ މައްސަލަ ފެންމަތިވީ، އިންތިހާ ފަގީރުކަމުގެ ސަބަބުން، ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހުނު ކުޑަކުދިންތަކެއް، ކޭ އެއްޗެހިތަކެއްގެ ސަބަބުން ކަންވެސް ވަނީ ދެނެގަނެވިފައެވެ.

އެހެންކަމުން، މިހާރު ފެތުރެމުން ދާ ހުމާ ގުޅޭ އިތުރު ތަހުގީގުތަކެއް ހިންގަން މިވަނީ ޖެހިފައެވެ. މި ދަނޑިވަޅަކީ ކޮވިޑް-19ގެ 3 ވަނަ ރާޅެއްގެ އިންޒާރުވެސް އިންޑިއާއަށް ދީފައި ވާ ދަނޑިވަޅެކެވެ.