ރޭ އިރާކޮޅު ހުޅުމާލެ 147 ވަނަ ނަަންބަރު ފްލެޓްގައި ހިންގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 2 އާއިލާގެ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، ހުޅުމާލެ 147 ވަނަ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 2 އާއިލާގެ 13 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށް ދީފައި ކަމަށެވެ.

އެ އާއިލާގެ މީހުން ބުނާ ގޮތުގައި އެމީހުންނަށް ލިބުނު ގެއްލުމަކީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ދިރިުޅުމުގައި ކުރި ހުރިހާ މަސައްކަތެއް އަނދާ އަޅިއަށް ވީ އިރު އާ ފެށުމަކުން ދިރިއުޅުމުގެ ކަންކަން މި ވަނީ ފައްޓަން ޖެހިފައި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހުޅުމާލެ ފްލެޓް 147 ގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފްލެޓް 147 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައި ވަނީ ރޭ އިރުއޮއްސުނު ވަގުތެވެ. އަދި އެ ސަރަހައްދަށް ސިފައިން ގިސް އަލިފާން ކޮންޓްރޯލް ކުރި އިރު ދެވަނަ ފަނގިފިލާގެ ދެ އެޕާޓްމަންޓެއް ވަނީ އަނދާ ހުލިވެފައެވެ. ހަމައެއާއެކު ތިން ވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓުމަންޓަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަލިފާން ރޯވެ އަނަދަމުން ދިޔަ މަންޒަރު ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ކުޑަދޮރުން ފެންނަން ހުރި އިރު، އެ ކުޑަދޮރުން ބޭރަށް އަލިފާނުގެ ހުޅު ފަޅައިގެން ގޮސް ކުޑަދޮރުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވި ދެ އެޕާޓުމަންޓް ވަނީ މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ވެފައެވެ.

މިހާތަނަށް އައި އިރު މި ހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.