ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް، މއ. ޕެރިސްގެ އަލްއުސްތާޒާ މަރްޔަމް ޝަމްއާ އިސްމާއީލް އައްޔަން ކުރައްވައިފިއެވެ.

މަރްޔަމް ޝަމްއާ އިސްމާއީލް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާން ޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.

މި ގާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމާ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ގާނޫނާއި ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަހްގީގުކުރުމާއި ގާނޫނާއި ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެއެވެ.

ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލާ އޮފް ލޯ ނަންގަވައިގެން ހުންނެވި އަލްއުސްތާޒާ މަރްޔަމް ޝަމްއާ އިސްމާއީލް މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުގައެވެ. އަދި އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސްޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.