އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަނަވާ ބައެއް ފަނޑިޔާރުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން މަޖިލީހުގެ ތިން ކޮމިޓީއަކަށް މައްސަލަ ހުށަހަޅައިފިއެވެ.
މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ ބަހުސަށް ހުޅުވާލަން ވޯޓު ދެއްވީ 7 މެންބަރުންނެވެ. އަދި ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 20 މެންބަރުން ވޯޓު ދެއްވި އިރު މަޖިލީހުން ވަނީ އެ މައްސަލައަށް ބަހުސް ނުކޮށް ބޭރުކޮށްލާފައެވެ.
އެހެންކަމުން އާދަމް ޝަރީފް ވަނީ އެ މައްސަލަ ބަލަދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަދި ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.
ލީކުވެގެން އުޅޭ ކަމަށް ބުނާ އެއޯޑިއޯގެ މައްސަލަ ޖޭއެސްސީ އިން ދަނީ ތަހުގީގުކުރަމުންނެވެ.
ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކޫލް އާ ސުވާލު ކޮށްފަިއވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެއެވެ.