ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނުގެ ޝަރީއަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރަން އިދިކޮޅު މެންބަރުންގެ ތެރޭގައި ހިމެނޭ ޓީމުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އެ ޓީމުގެ ފަރާތުން ހުރި މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކަމަށެވެ. އެގޮތުން މިހާރު މީޑިއާގައި ފެތުރެމުންދާ އޯޑިއޯތަކަށް އިޝާރާތްކުރައްވާ އެއީ ރައީސް ޔާމީނުގެ ޝަރީއަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިއޯ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް އެ ޓީމުން ތުހުމަތު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އެފަދަ އޯޑިއޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން ޝިޔާމު ވަނީ ޒާހިރުގެ އޯޑިއޯތައް ވެސް ހުރިކަމަށް ވިދާޅުވެ ހާއްސަކޮށް ރައީސް ޔާމީނުގެ ޝަރީއަތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ ތުހުމަތުތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން ޒާހިރު ވަނީ ފެތުރޭ އޯޑިއޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވާ ވާހަކަދައްވާފަ ނުވަނީ އެއީ އެއްވެސް އަސްލެއްނެތް ވާހަކަތަކަކަށް ވާތީ ވިދާޅުވެފައި ކަމަށެވެ.

ފެތުރެމުންދާ އޯޑިއޯތަކުގެ މައްސަލަ ބައްލަވާދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފަ ވާނެކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިފައިވާ ކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ސަރުކާރުން، ހާއްސަކޮށް ރައީސް އާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ހާއްސަކޮށް ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒުފޯރުވާ ކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިއޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވާ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ، އެ ވިދާޅުވި ފަދަ އޯޑިއޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރި ތުހުމަތުތަކަށް ރައްދުދެއްވާ، މީގެ ކުރީގެ ސަރުކާރުގައި ރައީސް އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާ ކަމަށް ޒާހިރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުސަތު ދީފައި އޮންނަ ސަރުކާރެއް ކަމަށް ޒާހިރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާހުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމަށް ޗީފް އޮފް ސްޓާފް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.