ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، ބެންޗްގެ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަަލައިގައި މަޖިލީހުގެ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުތިޖާޖުކޮށްފިއެވެ.

އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީން ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ގޮވާލައްވާ ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ހުޅުވާލުމަށް ގޮވާލައެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ބަހުސް ހުޅުވާނުލެވުނީ އެހެން މައްސަލައެއް ވެސް ހުށަހެޅި ގުރުއަތުން ދެން އޮތް މައްސަލަ ހޮވުމުންނެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ގާޒީންގެ އޯޑިއޯތަކުގެ މައްސަލައިގެ ބަދަލުގައި ގުރުއަތުން ހޮވުނީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ ރަސްފަރި ފަރަށް ބިޔަ އާގު ބޯޓެއް އެރި މައްސަލައެކެވެ. 35 މެންބަރުންގެ ވޯޓުން އެ މައްސަލައިގެ ބަހުސް ހުޅުވާލާން ފާސްވިއިރު، ރާއީ ވިދާޅުވާ ގޮތުގައި އޭނާގެ ކަންބޮޑުވުމަކަށް އޮތީ އެ ފަރަށް ލިބުނު ގެއްލުމާއި އެއީ ރޭވިގެން ހިންގި ކަމަކަށް ވުމުގެ ކަންބޮޑުވުމެކެވެ.

އިދިކޮޅު މެމްބަރު މަޖިލީހުގެ އިދާރީ މޭޒު ކުރިމައްޗަށް ޖަމާވެ، އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ 10 މިނިޓަށް މެދުކަނޑާލެއްވިކަން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާން ކުރެއްވިއެވެ.

މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި އަޑު ގަދަ ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމްއާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންއާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފވެ.

އިދިިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އިހްތިޖާޖްކޮށް އަޑުގަދަ ކުރައްވާތީ، އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނިޒާމީ ނުކުތާ ނަންގަވައި، ޖަލްސާ ކުރިއަށް ގެންދަވަން އިދިކޮޅު މެންބަރުންގެ ނަން އިއްވަން ރިޔާސަތަަށް ގޮވާލައްވަމުން ގެންދެވިއެވެ.

މަޖިލިސް މިހާރު ކުރިއަށް ގެންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ނެތިއެވެ.