އަފްގާނިސްތާނުގެ ވެރިކަން ނަގާފައިވާ ތޯލިބާނުންނާ މުޅި ބައިނަލްއަގުވާމީ މުޖުތަމައުވެސް ޝާމިލުވާން ޖެހޭ ކަމަށާ، ތޯލިބާނުގެ ވެރިންނަށް، އެދެވޭ ރޫހެއްގައި މުޅި ދުނިޔެއިންވެސް އިރުޝާދު ދޭން ޖެހޭ ކަމަށް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

އެދެވޭ ރޫހެއްގައި މުޅި ދުނިޔެވެސް ތޯލިބާނުންނަށް އިރުޝާދު ދޭން ޖެހޭ ކަމަށް ވިދާޅުވެ، ވޭންގް ޔީ ވާހަކަދައްކަވާފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެންއާ ފޯނުން ގުޅުއްވާ، ކުރެއްވި މަޝްވަރާގެ ތެރޭގައެވެ.

އަފްގާނިސްތާނަށް ބޭނުންވާ އިގުތިސޯދީ އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ، އާންމު އުސޫލުން ވެރިކަން ހިންގުމަށް، އަފްގާނިސްތާނުގެ އާ ސަރުޚާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ. އަދި އިޖުތިމާއީ ހަމަޖެހުން ގާއިމު ކޮށް، އަފްގާނިސްތާނު ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފަހައްޓާ، ދިރިއުޅުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރުމަށް ވޭންގް ޔީ ވަނީ ބްލިންކެންއަށް ދަންނަވާފައެވެ.

އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކޮށް، އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގައި އެމެރިކާއިން، އަފްގާނިސްތާނުގެ އިސްތިގުލާލަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާ، ޓެރަރިޒާމާ ގުޅުން ހުރި ކަންކަމުގައި އެމެރިކާއިން ދެފުށް ދެގޮތް އުސޫލު ދޫކޮށްލަން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، ވޭންގްއާއި ބްލިންކެންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ، އާންމު ޒިންމާތަކަށް ތޯލިބާނުން ޖަވާބުދާރީ ކުރުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ކިހާ މުހިންމު ކަމެއް ކަމުގެ ދާއިރާއަށް ކަމަށެވެ.

އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލާވަލުމަށް، ޓެރަރިސްޓް ތޯލިބާނުން މަސައްކަތް ކުރަމުން އަންނައިރު، ޗައިނާއިން އެ ސަރުކާރު ބަލައިގަތް ކަން ނުވަތަ ނޫން ކަންވެސް އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.