ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުުކާރުގެ ހާއްސަ މަންދޫބަކު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ މާދަމާ ފަށާއިރު، އެ މަޝްވަރާގައި ސައުދީގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ އައްވާދު ސަބްތީ އެލެނެޒީ ކަމަށެވެ.

މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވާނީ ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ އިސް ބޭފުޅުންނެވެ.

މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ. އެކަމަކު، އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.