ކ. ރަސްފަރީ ފަރަށް އެރި "އެމްވީ ނަވިއޯސް އަމާރީލިސް" ކާގޯ ބޯޓު ފުންކޮށްފިއެވެ.
އެމްވީ ނަވިއޯސް އަމާރީލިސް ކާގޯ އުފުލާ ބޯޓު ފަރަށް އެރީ އޯގަސްޓް 19، 20121 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީއާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާ ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން މިއަދު މެންދުރު 02:08 ގައި އުޅަނދު ފުން ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް އުޅަނދުން ބޭރުވެފައި ނުވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.
އެއޮތޯރިޓީން ބުނީ ބޯޓުގައި ހުރި ލޯސަލްފާ އައިއެފްއޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާނގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ތެޔޮ ޓްރާންސްފާ ކޮށްފައި ކަމަށާއި އުޅަނދު ސަލްވޭޖް ކޮށް އުޅަނދު ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު އެންކާ ކުރުމަށް ފަހު ބޯޓުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ފަށާނެ ކަމަށެވެ.
އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކާ އެންވަޔަރަމަންޓަ ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އެއޮތޯރިޓީން ބުނެއެވެ.
ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާ ޑިޕޮސިޓްއެއް ބަހައްޓާފައި ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން އޮތީ ނިންމާފައެވެ.