ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ހިންގަމުންދާ ކަންކަމަށް، ޕާކިސްތާނުގެ ސަރުކާރު، ޒިންމާދާރު ނުކުރެވޭނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މިފަދަ ރޫހެއްގައި އިމްރާން ވާހަކަފުޅު ދައްކަވާފައި މިވަނީ، އަފްގާނިސްތާނުގެ މީޑިއާ މެންބަރުންނާއެކު އެންމެ ފަހުން ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ.

އިމްރާން ވަނީ، ޕާކިސްތާނުގެ ސަރުކާރަކީ، ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވަނީ، އަފްގާނިސްތާނުގެ ރައްޔިތުން ހިޔާރު ކުރާ ކޮންމެ ބަޔަކާއެކުގައިވެސް ޕާކިސްތާނުން ރަނގަޅު ގުޅުންތަކެއް ދަމަހައްޓާނެ ކަމަށެވެ.

އަފްގާނިސްތާނުގައި ހިންގަމުންދާ ކަންކަމުން ހަވާސާވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުގެ ރޫހުގައި ވާހަކަދައްކަވަމުން އިމްރާން ވަނީ، އެދިވަޑައިގަންނަވާހާވެސް ކަމަކީ، އަފްގާނިސްތާނުގައި ސުލްހަ ގާއިމުވުން ކަމަށް ވިދާޅުވެފައެވެ.

ހޯދާނީ އަސްކަރީ ހައްލެއްތޯ ނުވަތަ ހުރިހާ ފަރާތެއްގެ ބައިވެރިވުން އެކުލެވިގެންވާ ގުޅިފައިވާ ސަރުކާރަކަށް މަގުފަހި ކުރާ ސިޔާސީ ހައްލެއްތޯ ހިޔާރު ކުރާނީ އަފްގާނިސްތާނުގެ ރައްޔިތުން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ދިފާއަށް ކުޅުއްވުމުގެ ރޫހެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، އަފްގާނިސްތާނުގެ 3 މިލިއަނެއްހާ ރެފިއުޖީން ޕާކިސްތާންގައި އެބަތިބި ކަމަށާ، އޭގެ ތެރޭގައި ގިނައި ޕަޝްތޫންސް ކަމަށާ، އެމީހުންނަކީ، ތޯލިބާނުންނަށް ހަމްދަރުދީ ވާ ބައެއް ކަމަށެވެ. ދުވާލެއްގެ މައްޗަށް 30000 އެއްހާ މީހުން ބޯޑަރު ހުރަސްކުރާއިރު، އަފްގާނިސްތާނުގައި ކުރާ ހަނގުރާމައަށް ދަނީ އަދި ނުދަނީ ކޮން ބައެއްތޯ ބަލަނީ ކިހިނަކުންތޯވެސް އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ކުރުމަކީ، އެ ކަމުގައި ޕާކިސްތާނުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާ، ބަޔަކު ލައްވާ، އަފްގާނިސްތާނުގެ ވެރިކަން އަތުލުމުގައި ޕާކިސްތާނަށް އޮތީ ކޮން ފައިދާއެއްތޯ ވެސް އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

ޕާކިސްތާން ސަރުކާރަކީ، ތޯލިބާން ޖަމާއަތަށް އެއްބާރުލުން ދޭ ބައެއް ކަމުގެ ތުހުމަތު، ތަކުރާރުކޮށް ވަނީ ފެންމަތިވެފައެވެ. ހަމަ މިއާއެކު ޕާކިސްތާނުގެ އޮފިޝަލުންވެސް ގެންދަވަނީ، އަފްގާނިސްތާނުގެ ސުލްހަ މަޑުޖެހުމަކީ ޕާކިސްތާނުން އެކަމުގެ ޒިންމާ އުފުފުލާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދިފާއު ހޯއްދަވަމުންނެވެ.