ކްރޮސްރޯޑްސް މޯލްޑިވްސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުުގައި ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުދެވޭ ގޮތަށް، ބަންދުކުރީ މިދިޔަ އަހަރު ތެރޭގައެވެ. އަލުން ކްރޮސްރޯޑްސް ހުޅުވުމަށް ނިންމާފައިވާއިރު ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އެރިސޯޓުން ބުނެއެވެ.

އާއްމުންނަށް ކްރޮސްރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 ގެ ނިޔަލަށެވެ.

ކްރޮސްރޯޑްސްއަށް ދާ މީހުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށް އެރިސޯޓުން ބުނެއެވެ.

ކްރޮސްރޯޑް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ ރިސޯޓު ތަކެކެވެ. ކްރޮސްރޯޑް ހުޅުވާފައި ވަނީ ސެޕްޓެމްބަރު 19، 2019ގައެވެ.

ކްރޮސްރޯޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ މާލެއިން ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވެއެވެ.