ލޮނުމަހުގެ ނަމުގައި ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ކަސްޓަމް އިން އަތުލައިގަންފިއެވެ.

ކަސްޓަމް އިން ބުނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖޭން ބޭރު ކުރަން އުޅުނު 14 ފޮށިގަނޑުގެ މިޔަރު އުރަހަ އަތުލައިފައި ވާކަމަށެވެ. އަދި މި މިޔަރު އުރަހަތަކުގެ ބަރުދަނުގައި ޖުމުލަ 243 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމް އިން ބުނެއެވެ.

މި މައްސަލަ މިހާރު ބަލަމުންދާކަމަށް ކަސްޓަމް އިން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި 243 ކިލޯގެ މި މިޔަރު އުރަހައިގެ އަގު 15 މިލިއަނަށް އަރާނެއެވެ.

މިއަހަރު ޖެނުއަރީ މަހުގައި ވެސް މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު ބަޔަކު ވަނީ އަތުލާފައެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތް ކޮށްފައިވާ ބާވަތެކެވެ. އެގޮތުން މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ ވެސް މަނާ ކަމެކެވެ.

ނަމަވެސް ގަވާއިދާ ހިލާފަށް މިޔަރު ހިފާ އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަމުން ދާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.