ޕާކިސްތާނަކީ އެ ޖަމާއަތުގެ "ދެވަނަ ވަޒަން" ނުވަތަ ގެދޮރު ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރުއެޅި ޓެރަރިސްޓް، ތޯލިބާން ޖަމާއަތުގެ ތަރުޖަމާނުގެ ގޮތުގައި މީޑިއާއާ ވާހަކަދައްކަމުން އަންނަ ޒަބީއުއްލޯ މުޖާހިދު ބުނެފިއެވެ.

މި މޭރުމުން ވާހަކަދައްކަމުން މުޖާހިދު ވަނީ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމުގައިވެސް ޕާކިސްތާނުގެ ދައުރެއް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް ތޯލިބާނުންގެ ކަންކަމާ ޕާކިސްތާނުން "ނުބެހޭ" ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މުޖާހިދު އިތުރަށް ބުނީ ހުރިހާ ގައުމަކާއެކުވެސް ރަނގަޅު ގުޅުމެއް ބާއްވަން ބޭނުން ވާ ކަމަށާ، އެ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނޭ ކަމަށެވެ. އަދި އިންޑިއާއާއި ޕާކިސްތާން ސުލްހަ ވުމަށްވެސް މުޖާހިދު ވަނީ ގޮވާލާފައެވެ.

ޕާކިސްތާންގެ އޭއާރްވައި ނިއުސްއާ ވާހަކަދައްކަމުން މުޖާހިދު ވަނީ، ސިޔާސަތުތައް އެކުލަވާލާއިރު، އަފްގާނިސްތާނުގެ މަސްލަހަތާ މެދު އިންޑިއާއިން ވިސްނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުނެފައެވެ.

އަފްގާނިސްތާނާއި ޕާކިސްތާނަކީ ބޯޑަރު ހިއްސާ ކުރާ ދެ ގައުމު ކަމަށާ، ދީނަށް ބަލާއިރުވެސް ދެ ގައުމުގެ ގުޅުންތަކެއް އެބަހުރި ކަމަށް ބުނެ، މުޖާހިދު ވަނީ، ޕާކިސްތާނާއެކު ގުޅުން އިތުރަށް ބަދަހި ކުރަން އެދިގެން ތިބި ކަންވެސް ހާމަކޮށްފައެވެ.

އަފްގާނިސްތާނުގައި އަނެއްކާވެސް ޓެރަރިޒަމްގެ ހަރަކާތްތައް މޫލާފާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން މުޖާހިދު ވަނީ، އަފްގާނިސްތާނުގެ ފަސްގަނޑަކީ އެހެން އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ކުރާނެ ފަސްގަނޑެއް ނޫން ކަން ކުރިންވެސް ބަޔާން ކޮށްފައި ވާނެ ކަމަށް ބުނެފައެވެ. އަދި އައިސިސް ޖަމާއަތުގެ ހިލަމެއް، އަފްގާނިސްތާނުގައި ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކަން މިހެން އޮތްއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އައިސިސްގެ ޓެރަރިސްޓް ހަމަލާ، ކާބުލް އެއާޕޯޓަށް އަމަޒު ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.