ހުޅުމާލޭގައި ބައިލިންގުއަލް އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިން ގްރޫޕާއެކު މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި އަލްޖެރީ ހޯލްޑިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީ ކަމަށެވެ.

ހުޅުމާލޭ ފޭސް 1ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ އިންގްލިޝް މީޑިއަމް ސްކޫލެއް ކަމަށާއި އެ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ 2 ފޭސްއަށް ބަހާލައިގެން ކުރިއަށް ގެންދާން ހަމަޖެހިފައިވާ އެ ސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފަށާއިރު ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އަލްޖެރީ ހޯލްޑިން ގްރޫޕުން މައުލޫމާތު ދޭ ކަމަށެވެ. އަދި 2 ވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަލްޖެރީ ހޯލްޑިން ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި އެ ކުންފުނީގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަހުސިއްޔަތެކެވެ.