ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްރޫހީޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީން އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި ބަރުލަމާނީ ނިޒާމުގެ ދެކޮޅު ނުޖެހޭ ކަންކަމާ ގުޅޭ ގޮތުން ގާސިިމް ވިދާޅުވީ، އެ ނިޒާމުގައި ގައުމުގެ ހިންގުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި ރަމްޒީ މަގާމެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި މިހާ ކުޑަކުޑަ ގައުމަކުން އެއީ ކުރާނެ ބޭކާރު ހަރަދެކެވެ.

"ބަރުލަމާނީ ނިޒާމުގައި ހުންނަ ރައީސަކީ އެއްވެސް ބާރެއް ނެތް މީހެއް. އޭނަ ދެން ހަރަދު ކުރަން ކީއްކުރަން ބަހައްޓާ މީހެއް. ދައުލަތް މިހާރު ވެސް މި އުޅެނީ ދެކޮޅު ނުޖެހިގެން."
ގާސިމް އިބްރާހިމް

އޭނާ ވިދާޅުވިގޮތުގައި، ބަރުލަމާނީ ނިޒާމު ގެންނަން އުޅެނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "އަވައިގައި" ޖެހިގެން އުޅޭ ބައެކެވެ.

ބަރުލަމާނީ ނިޒާމްގައި ކުޑަ ދާއިރާއަކުން އަންނަ މެންބަރަކަށް ވެސް މަޖިލީހުގެ 51 ފަސެންޓް އަޣުލަބިއްޔަތު ލިބުމުން ބޮޑު ވަޒީރުކަމުގައި ވެރިއަކަށް ވެވޭނެ ކަމަށާއި މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "ބަރުލަމާނީ ނިޒާމަކީ ވަރަށް ހަމަނުޖެހޭ" ނިޒާމެއް ކަމަށެވެ.

ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު ރަށްޔިތުންގެ ގާތަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެމީހުން ކަންބޮޑުވުންތައް އަހައި ކޮމިޓްމަންޓްތައް ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށާއި އެއިން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

ގާސިމް މިފަދައިން ވިދާޅުވި އިރު ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީގެ ތެރެއިން ބަޔަކު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުއެޅުމަށް ޕެޓިޝަނަކަށް ސޮއި ވެސް ހޯދަން ފަށައިފައެވެ. ނަޝީދު ވެސް ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.