ހުދުމުހުތާރު ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ ޗައިނާގައި ތަންފީޒު ކުރަމުން އަންނަ "މާކްޒިސްޓް ފިކުރު" ޒުވާނުންގެ މެދުގައި އަށަގެންނެވުމަށްޓަކާ، ޗައިނާގެ ތައުލީމާ ބެހޭ ގައުމީ މަންހަޖުގައި، އެ ގައުމުގެ މިހާރު ރައީސް ޝީ ޖީންޕިންގެ ފިކުރުފުޅު ހިމެނުމަށް ނިންމާފައި ވާ ކަމަށް، ޗައިނާގެ ތައުލީމާ ބެހޭ ވުޒާރާއިން އާންމުކުރި އާ ގައިޑްލައިން ބުނެފިއެވެ.

ޗައިނާގެ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، ސޯޝަލިޒަމްގެ އިތުރުން އާ ޖީލެއްގައި ޗައިނާވަންތަކަން ދެމެހެއްޓުމާ ގުޅޭ ގޮތުން ރައީސް ޝީ ގެންގުޅުއްވާ ފިކުރުފުޅަކީ، ޕްރައިމަރީ މަރުހަލާއިން ފަށައިގެން ޔުނިވާސިޓީ ތައުލީމުގައިވެސް ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ފިކުރެއް ކަމަށެވެ.

މި ކަމަކީ ޕާޓީގެ އުސޫލުތަކަށް އަހުލުވެރިވެ، އެ ފިކުރު އަޑު އަޅާ، ގައުމިއްޔަތުގެ ރޫހު ދިރުވުމުގެ ނަމުގައި ކުރާ ކަމެއް ކަމަށް، ގައިޑްލައިންގައި ބަޔާން ކޮށްފައިވެއެވެ.

2012 ވަނަ އަހަރުގެ ޗައިނާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝީ ގެންދަވަނީ، ޗައިނާގެ ވެރިކަން ކުރަމުން އަންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީއިން އިޖުތިމާއީ ކަންކަމުގައި އަދާ ކުރާ ދައުރު ވަރުގަދަ ކުރުމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

އާ ދައުރަކަށް ޝީގެ ފިކުރުފުޅު ބޭނުން ކުރުމުގެ ކަންކަމަށް ޗައިނާގައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ގާނޫނީ ހައިސިއްޔަތުވެސް ދީފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ ޖުލައި މަހު ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ޝީ ވަނީ، އެ ޕާޓީގެ ލީޑާޝިޕް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.