ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ރެކޯޑްތަކަށް ބަލާއިރު، ޔުގާންޑާގައި މުޅިން އަލަށް އެތައް މިލިއަން ގަހެއް އިންދާފައި ވެއެވެ. މި ގަސްތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ގުޅެނީ، 9000 ކިލޯމީޓަރަށް ވުރެ ދުރުގައި އޮތް ގައުމެއްގައި އުފަންވާ ތުއްތު ކުދިންނާއެވެ.

"ސައިޒް އޮފް ވޭލްސް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ މަލަމަތި ފެންނަން ފެށީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭނުން ކުރާ މިންވަރު ކުޑަ ކުރުމަށް ދުނިޔެ އެންމެ ބާރު ދުވެލީގައި އަމާޒު ހިފި ދުވަސްވަރެވެ. މި މަޝްރޫއުގެ އަމާޒަކަށް ވީ، އުފަންވާ ކޮންމެ ކުއްޖެއް ނުވަތަ އެޑޮޕްޓް ކުރާ ކޮންމެ ކުއްޖެއްގެ ނަމުގައި ގަހެއް އިންދުމެވެ.

ތުއްތު ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސާރާޖޮއޭންފޮޓޯގްރަފީ

ފަތުއަޑުކިއާފައި މަޝްރޫއު ހިންގައިގަތީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެމްބޭލްއޭ ކިއުނު ސަރަހައްދަށް، ސަރުކާރުގެ ފަންޑު އޮހެން ފެށިއެވެ. މި ސަރަހައްދަކީ އިރެއްގައި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އޮތް ސަރަހައްދެއް ނަމަވެސް، ޖަންގަލިތައް ކެނޑުމުގެ ވަބާ، އިންތިހާއަށް ފެތުރިފައި އޮތް ސަރަހައްދެކެވެ. މި މަޝްރޫއު މިހާރު މަޝްހޫރު ވެފައި ވަނީ، ސަދަގާތުގެ ގަހުގެ ސްކީމްގެ ގޮތުގައެވެ.

ވޭލްސްއަށް ކުއްޖަކު އުފަންވާ ކޮންމެ ފަހަރަކު، މިހާރު 2 ގަސް އިންދައެވެ. އެކުއްޖެއްގެ އަމިއްލަ ވަޒަނުގައި އެއްގަސް، އަދި އެމްބޭލްގައި އެއްގަހެވެ.

ތިމާވެއްޓާ ރައްޓެހި، އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެވަނަ ފަހަރަށް ބޭނުންކޮށްފައިވާ ކަރުދާހުގައި ތައްޔާރު ކޮށްފައިވާ ހާއްސަ ސެޓްފިކެޓެއްވެސް ކޮންމެ ކުއްޖަކަށް ދެއެވެ. އެކުއްޖަކަށް ހާއްސަކޮށްގެން އިންދި ގަސް ހުރި ސަރަހައްދަށް ޒިޔާރަތް ކުރުމުގެ ދައުވަތުވެސް ދެއެވެ.

ސައިޒް އޮފް ވޭލްސް މަޝްރޫއުގެ ދަށުން އިންދާފައިވާ ގަހެއްގެ ކައިރިއަށް ކުޑަކުއްޖަކު ޒިޔާރަތް ކޮށްފަ / ފޮޓޯ: ޓްވިޓާ

ނަތީޖާއަކަށް ވީ، 3 އަހަރު ދުވަހުގެ ތެރޭގައި، ޔޫގާންޑާގައި 15 މިލިއަން ގަސް އިންދުމެވެ.

ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ދައްކާއިރު އެފްރިކާ ގައުމުތަކުގެ ވާހަކައަކީ ގިނަ ފަހަރަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ވާހަކަތަކަކަށް ނުވެއެވެ. ޔޫގާންޑާއަށްވެސް ވަނީ ހަމަ މިފަދަ ގޮތެކެވެ. ހިމާޔަތް ކުރެވިފައިވާ 60 ސަރަހައްދެއްގެ އިތުރުން 10 ނޭޝަނަލް ޕާކު، އެ ގައުމުގައި އޮވެއެވެ. މޫސުމީ ކާރިސާތަކާ އިންސާނީ އަހުލާގުގެ ސަބަބުން، 1990 އާއި 2010 ވަނަ އަހަރާ ދެމެދު، ޔޫގާންޑާގެ ޖަންގަލިތަކުން 31 ޕަސެންޓް ގެއްލިދިޔައެވެ.