ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލު މަރާމާތުކޮށް 45 ދުވަސް ތެރޭގައި ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 1.9 މިލިއަން ރުފިޔާއަށް މުހައްމަދު ގާސިމް ޕްރީ ސްކޫލު މަރާމާތުކުރަން ހަވާލުކުރީ އޭއާރު ބިޒްނަސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އަދި އޭއާރު ބިޒްނަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދު ވަނީ ސޮއިކުރައްވައިފައެވެ.

މިނިސްޓްރީން ބުުނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕްރީ ސްކޫލު މަރާމާތުކޮށް ނިމޭނެ ކަމަށެވެ. ނަމަވެސް، އެތަނުގައި ކިޔަވައިދޭން ފެށޭނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލުގައި މި މަހުގެ 10 ގައި ފެށި ދިރާސާ އާ އަހަރު ކިޔަވައިދިނުމަށް ވެސް އެޑިއުކޭޝަނުން ކުރިން މަސައްކަތްކުރިއެވެ. އެ ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ވެސް އެ މިނިސްޓްރީން އޭރު އިއުލާނުކުރިއެވެ. ނަމަވެސް ފްލޫ ކްލިނިކެއްގެ ގޮތުގައި ޕްރީ ސްކޫލު އިމާރާތް ބޭނުންކުރުމުން އެކަން ލަސްވެގެން ދިޔައީއެވެ.

ޕްރީ ސްކޫލް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގައެވެ. އޭގެފަހުން އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެންމެ ފަހުން މިނިސްޓްރީ އިން ނިންމީ ސީދާ މިނިސްޓްރީން ޕްރީ ސްކޫލް ހިންގުމަށެވެ.