ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ މިހާރުގެ ރައީސް އަކްރަމް ކަމާލުއްދީނަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕާޓީން ނިންމައިފިއެވެ.
އަކްރަމަށް ފުރުސަތު ގެއްލިފައިވާ ކަމަށް މީގެ ކުރިން އެ ޕާޓީން ނިންމީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އޭނާއާ ގުޅުން ހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން އެމްޑީޕީ އަށް އަންގާފައި ވާތީއެވެ. އެކަމާ ގުޅިގެން އަކްރަމް ވަނީ އެ ޕާޓީ އަށް ޝަކުވާގެ ސިޓީއެއް ފޮނުއްވައި އެ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް އެދިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގޮތުން އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރި ނުވެވޭނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށެވެ. ފިޔަވަޅު އަޅަން ފޮނުވި ލިސްޓުގައި އަކުރަމްގެ ނަމެއް ނެތެވެ.
އަކްރަމްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވެސް ވަނީ އެމްޑީޕީގެ އެތެރޭ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. އޭނާއަށް ވެސް އެ ފުރުސަތު ގެއްލުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާތީއެވެ. މަހުލޫފް ވެސް ވަނީ އެ މައްސަލަ އަލުން މުރާޖާ ކޮށްދިނުމަށް އެދިފައެވެ.
ބާރު ހުރި މީހެއްގެ ނަން ލިސްޓުގައި އޮވޭތަ؟