ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ހުށަހަޅާ ޕެޓިޝަނުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ 15 މެމްބަރްކު ސޮއިކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ މަސައްކަތުގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ޓާގެޓަކީ 100،000 ސޮއި ހަމަކުރުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕެޓިޝަން ރައީސަށް ފޮނުވާނެ ކަމަށެވެ.

ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސަށް ބާރު އަޅަން އެމްޑީޕީގެ އާންމު މެންބަރުންތަކެއް ޕެޓިޝަނެއް އެކުލަވާލައި ސޮއި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

ޕެޓިޝަންގައި މިހާތަނަށް ސޮއި ކުރެއްވި 15 މެންބަރުން:

  1. މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  2. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
  3. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
  4. މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
  5. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
  6. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  7. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)
  8. ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
  9. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
  10. ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް
  11. ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
  12. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝީޔާން (ގިޓާ)
  13. މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
  14. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
  15. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

މީގެ ކުރިން ނިޝާން ވިދާޅުވީ މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރި މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ ގިނަ ކަމަށެވެ.

މިމަހު 21 ވަނަ ދުވަހު ފެށި އެޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ. އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.