މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިސް މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ އިސްހާގު ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ހަމަލާ ދިން މީހާ އާއި ރޭވި މީހުން އަދި އެހީތެރިވި މީހުން ވެސް ހައްޔަރުކޮށްފައި ވާއިރު އިސްހާގަކީ އޭގެ ތެރެއިން އިސް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޮމުގެ ހަމަލާއާ ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ. ދެން އެންމެ އިސް މީހުންގެ ގޮތުގައި ފާހަގަކުރީ މ. ކުދެހިގޭ، އިސްހާގާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމްއެވެ.

އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށާއި އޭނާ އަކީ އެ ސެލްގެ އިސް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރު ވެސް ބަންދުކޮށްފައި ހުރި އިސްހާގުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އޭނާ ދެވަނަ ފަހަރަކަށް ހައްޔަރުކޮށް އޭނާ ހަތް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެކެވެ.

ހައިޝަމް ހިމެނޭހެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެއެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ. ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލައިފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެއެވެ.