ރާއްޖޭގެ 3 ޕައިލެޓަކު ޑޯނިއާ ކޯޕައިލެޓް ކޮންވާޝަން ކޯސް ފުރިހަމަކޮށްފިއެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ހާ މަކުރާގޮތުގައި އިންޑިއާގައި ބޭއްވި 29 ވަނަ ޑޯނިއާ އޮޕަރޭޝަނަލް ފްލައިން ޓްރެއިނިން ޕްރޮގްރާމްގައި އެމްއެންޑީއެފްގެ 3 ޕައިލެޓަކު ބައިވެރިވެ ވަނީ ކޯޕައިލެޓް ކޯސް ފުރިހަމަ ކޮށްފައެވެ. އަދި މި 3 ޕައިލެޓުން ވަނީ ސްކޫލް އޮފް ނޭވަލް އެއާމެން އެންޑް ނޭވަލް އިންސްޓިޓިއުޓް އޮފް އެރޯނައުޓިކަލް ޓެކްނޮލިޖީ އެންޑް އަންޑާވެންޓް ކޯޕައިލެޓް ކޮންވާޝަންގައި 3 މަހުގެ ގްރައުންޑް ޓްރެއިނިން ވެސް ފުރިހަމަކޮށްފައި ކަމަށް ބުނެއެވެ.

އިންޑިއާގައި ކުރިޔަށް ގެންދިޔަ މި ކޯސް ނިމި ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވާފައި ވަނީ ކޮމޮޑާ ވީބީ ބެލަރީ އަދި ޗީފް ގެސްޓް ކޮމާންޑިން އޮފިސަރު އައިއެންއެސް ގަރުދައެވެ.

https://www.facebook.com/aviatorsmaldivess/posts/4228047450605395

2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ޖުމްލަ 54 އޭރިއަލް ސާވައިލަންސް އޮޕަރޭޝަން ހިންގާފައި ވެއެވެ.

ރާއްޖެއަށް އިންޑިއާއިން ދީފައިވާ ޑޯނިއާ-288 މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބޯޓު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގައި ދުއްވާ ޑޯނިއާ ފްލައިޓް އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން މި ފްލައިޓްތައް އޮޕަރޭޓް ކުރާ ގޮތަށް އޮތީ ރާއްޖޭގެ އެމްއެންޑީއެފް ޕައިލަޓެއް ތަމްރީނު ވަންދެންނެވެ.