ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ހުށަހަޅާ ޕެޓިޝަނަށް ހީކުރި ވަރަށް ވުރެ ބޮޑަށް ތާއީދު ލިބެމުންދާ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނިޝާން ވިދާޅުވީ މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރި މީހުންގެ އަދަދު ބުނަން ނޭންގުނު ނަމަވެސް ހީކުރި ވަރަށް ވުރެ ގިޔަ ބަޔަކު އެ ޕެޓިޝަން އަށް ތާއިދު ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދެމުންދާ ކަން ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

މިމަހު 21 ވަނަ ދުވަހު ފެށި އެޕެޓިޝަނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނުން ފެށި ޕެޓިޝަނެކެވެ. އެ ޕެޓިޝަނުގައި ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެޕެޓިޝަން ކަންތަކުގައި އިސްކޮށް އުޅުއްވާ މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ރާއްޖެއަށް ބޭނުން ވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭ ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ވޯޓުން މިހާރު ގެނެސްފައި އޮތް ނިޒާމުގައި އެ މަގްސަދު ހާސިލުނުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށާ އަދި ސަރުކާރަށް ރައްޔިތުން ފެންނަނީ ވޯޓުލާ ދުވަސް ޖެހުމުން ކަމަށް ވާއިރު އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލު ކުރުމަކީ އެމްޑީޕީން އަބަދުވެސް ދެކޭ ގޮތް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި މިކުރާ ވެރިކަމަކީ ރައްޔިތުންނާ ދުރު ނިޒާމެއް ކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.