ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި މީހެއްގެ އަތުން އަނެއްކާވެސް މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިމަހު 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލާ ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެމީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުރި ކަމަށާއި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެމައްސަލާގައި ޝާމިލްވާ ފަރާތާ އަތުލައިގަތް މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ވަނީ މިމަހު 13 ވަނަ ދުވަހު ވެސް ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 3.197 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

އެމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,985,000 ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.