ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފިއެވެ.

ސިންގަޕޫރު ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ބުނީ ކްރޮސްރޯޑްސްގައި ތަރައްގީ ނުކޮށް އޮތް ފަސް ރަށަކީ ރިސޯޓު ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެ ފަސް ރަށް ވިއްކާލަން އިއުލާން ކުރި ނަމަވެސް އެ ފަސް ރަށް ވިއްކާ އަގެއް ހާމަކޮށްފައެއް ނުވެއެވެ.

ކްރޮސްރޯޑް އަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ ރިސޯޓު ތަކެކެވެ. ކްރޮސްރޯޑް ހުޅުވާފައި ވަނީ ސެޕްޓެމްބަރު 19، 2019ގައެވެ.

ޖުމްލަ ނުވަ ރަށް ހިމެނޭ މަޝްރޫއުގެ ފޭސް ވަންގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ "ހާޑް ރޮކް ހޮޓެލް" އާއި "ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން" ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ކްރޮސްރޯޑަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ މާލެއިން ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވެއެވެ.