ތަރައްގީގެ ނަމުގައި މުޅި ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ހިންގަމުން އަންނަ ބެލްޓް އެންޑް ރޯޑް މަޝްރޫއާ ދެކޮޅަށް، އަވަށްޓެރި ޕާކިސްތާނުގެ އާންމު ރައްޔިތުން، މުޒާހަރާއަށް ނިކުމެއްޖެއެވެ.

ޗައިނާގެ ތަރައްގީގެ މަޝްރޫއާ ދެކޮޅަށް، ޕާކިސްތާން ރައްޔިތުން މުޒާހަރާއަށް ނިކުތީ، އެކަށީގެން ވާ ގޮތެއްގައި ފެނާއި ކަރަންޓްގެ ހިދުމަތް ލިބެމުން ނުދާ ކަމުގެ ޝަކުވާއާ އެކުގައެވެ. އެކަށީގެން ވާ ގޮތެއްގައި ފެނާއި ކަރަންޓު ނުލިބި، ކުރިމަތިވެފައި ވާ ހީނަރު ކަމުގެ ނޭދެވޭ އަސަރު، ދިރިއުޅުމުގެ އެކި ބަހާތަކަށް ފޯރާ ކަމުގެ ޝަކުވާ، ރައްޔިތުން ވަނީ އުފުލާފައެވެ.

ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ގްވާދަރުގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، ކަރަންޓާއި ފެނުގެ އިތުރުންވެސް އެހެން ވަސީލަތްތައް ބޭނުން ކުރަމުން ދަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކަށެވެ.

މަސްވެރިންނާއި ލޯކަލް ވޯކަރުންގެ އިތުރުން އާންމު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ، ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅުކޮށް، މަގުތައް ބަންދު ކޮށްފައެވެ. އަދި މިހާރަށް ވުރެ ރަނގަޅަށް، ފެނާއި ކަރަންޓުގެ ހިދުމަތްތައް ހަމަޖައްސާ ދިނުމަށް ވެސް އާންމުން ވަނީ ސަރުކާރަށް ޑިމާންޑު ކޮށްފައެވެ.

މީގެ އިތުރުން އައްސޭރިފަށުގެ ސަރަހައްދުގައި ޗައިނާގެ ރައްޔިތުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދާ ދިއުން ހުއްޓުވުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ، ޕާކިސްތާނުގެ ސަރުކާރަށް ޑިމާންޑް ކޮށްފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ޕާކިސްތާން ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި، ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްގެން ޗައިނާ މީހުން ބާނާ މަސް، ޗައިނާއަށް ގެންގޮސް ވިއްކަނީއެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ، މުޒާހަރާ ކުރަމުން ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވާ ކަމަށާ، ނަމަވެސް ސަރުކާރުން އެމީހުންގެ އަޑު އަހާފައި ނުވާ ކަމަށެވެ. މުޅި ސަރަހައްދު ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ މުޒާހަރާއެއް ފެށީ އެހެންވެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޕާކިސްތާނުގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާފައެވެ. މި ހަމަނުޖެހުންތަކުގައި 2 މީހަކަށް އަނިޔާ ވި ކަމަށްވެސް ހަބަރު ލިބެއެވެ.

ޗައިނާއާ ދެކޮޅަށް ޕާކިސްތާންގައި މުޒާހަރާ ކޮށްފައި މިވަނީ، ޗައިނާގެ ރައްޔިތުންތަކަކަށް އަމާޒުކޮށް، ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްވެސް ދީފައި ވަނިކޮށެވެ. 2 ކުޑަކުއްޖެއްގެ އިތުރުން ޗައިނާގެ އިންޖިނޭރަކު މި ހަމަލާގައި މަރުވި ކަމަށް ހަބަރު ލިބެއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ބަލޫޗިސްތާން ލިބަރޭޝަން އާމީއިންނެވެ. ސަބަބެއް ކަމުގައި ބުނީ، ޗައިނާގެ އަމިއްލަ ފައިދާއަށްޓަކާ، ބަލޫޗިސްތާނުގެ ވަސީލަތްތައް ހުސްކުރަމުން ދިއުމެވެ.

ޗައިނާއާއި ޕާކިސްތާނަކީ ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް މައިދާނުގައި އިންތިހާ ބަދަހި ގުޅުމެއް ހިއްސާ ކުރަމުން އަންނަ 2 ގައުމެވެ.