ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށެވެ.

ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި، ހިދުމަތް ދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެޗްޑީސީން އެގޮތައް އެދިފައި ވަނީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭ ބަޔަކު ތާށިވެފައި ވާތީ ލިފްޓްތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ އެފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓް ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައި ފައި ވަނީ އޮގަސްޓް 17، 2021 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ އެޗް15 އަދި އެޗް16 ވަނަ ޓަވަރަށެވެ. އަދި މި މަހު 18 ވަނަ ދުވަހު ވަނީ ހިޔާ ފްލެޓް ގެ ޓަވަރު 11 އަދި ޓަވަރު 12 އަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދީފައެވެ. މީގެ އިތުރުން ޓަވަރު 7 އަދި 8 އަށް މިމަހު 19 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް މީގެ ކުރިން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ސްޓެލްކޯ ދަނީ ކުރަމުންނެވެ. ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓް ދޭނެ ދެ ޓަވަރު އެ ކުންފުނީގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ގެންދަނީ ހިއްސާ ކުރަމުންނެވެ.