މޫސުމީ ކަމެއްގެ ގޮތުގައި، ހުޅަނގު މޫސުމާ ދިމާކޮށް ތ. ބުރުނީ ފަޅުތެރެއަށް ރާގޮނޑި ތިލަވުމަކީ އެރަށުގެ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. އެރަށު ރައްޔިތުންނަށް މިދުވަސްކޮޅަކީ އީދެއް އައުން ކަހަލަ ކަމެކެވެ. ހުރިހާ އެންމެންގެ މޫނުމަތިން ވެސް ފެނިގެންދަނީ އުފާވެރިކަމައި ހިނިތުން ވުމެވެ. ރާގޮނޑި ހިފުމުގައި ކުޑައެއް ބޮޑެއް ނެތެވެ. އަންހެނެއް ފިރިހެނެއް ނެތެވެ. އެންމެން މޫދުގައެވެ.
ގާތްގަނޑަކަށް 5 ވަރަކަށް އަހަރު ފަހުން އަނެއްކާވެސް ބުރުނީގެ ފަޅުތެރެއަށް ރާގޮނޑި ތިލަވަމުން ދާއިރު މިއަދު މިއީ ހަތަރު ވަނަ ދުވަހުއެވެ. މިއަދު ވަނީ 3711 ރާގޮނޑި ހިފާފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބުރުނީގެ ކައުންސިލް މެންބަރު ހާއްވާ ފަރީޝާން ވިދާޅުވީ މިފަހަރު އެންމެ ގިނައިން ރާގޮނޑި ހިފާފައި ވަނީ މިމަހު 17 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެދުވަހު 6400 އެއްހާ ރާގޮނޑި ހިފާފާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ރާގޮނޑިއެއް ބެހީ ރަށުގެ ކުދިބޮޑު އެންމެން ހިމެނޭ ގޮތަށް ކޮންމެ ބޮލަކަށް މަހެއްގެ މަގުންނެވެ. އެގޮތުން އެދުވަހު މީހަކަށް 15 މަސް ޖެހުނު ކަމަށް ފަރީޝާން ވިދާޅުވިއެވެ.
މީގެ ކުރިން އެ ރަށުގެ މީހުން އެއް ދުވަހުން 15،000 އަށް ވުރެ ގިނަ ރާގޮނޑި ވެސް ހިފާފައި އެބަހުއްޓެވެ.
ފަރީޝާން ވިދާޅުވި ގޮތުގައި އެންމެންވެސް ރާގޮނޑި ހިފަން ދަނީ މެންދުރު ފަހުއެވެ. އެގޮތުން އަންހެން ވެރިން ވެސް އޮފީސްތައް ނިންމާ މޫދަށް އެރެން ރެޑީވެގެން، ފިރިހެން ވެރިން އަންނަން ދެން "ރާގޮނޑި މަގު" ނަމަކަށް ކިޔާ މަގަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރީޝާން ވިދާޅުވި ގޮތުގައި މެންދުރު ފަހު މަސް ހިފުމުގައި އެންމެން އުޅޭއިރު ރޭގަނޑު ވުމުން ހުރިހާ ގޭގޭގައި ވެސް އޮންނާނީ މަސް ކެއްކުމެވެ. އަދި އަނެއް ދުވަހު އެންމެން ވެސް އުޅޭނީ ރިހާކުރު އޮލަކުރުމާއި އެބާވަތުގެ ކަންކަމުގައި ކަމަށް ފަރީޝާން ވިދާޅުވިއެވެ.
މިހުރިހާ މަސައްކަތުގައި ވެސް ފިރިހެނުން ވަރަށް ބޮޑަށް އެހީވާކަމަށް ފަރީޝާން ފާހަގަ ކުރެއްވިއެވެ.
ފަރީޝާން ވިދާޅުވިގޮތުގައި މިއީ މަސް ވިއްކައިގެން ވެސް އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު ކަމެކެވެ.
ހުޅަނގު މޫސުމާއެކު އެރަށަށް އަންނަ ރާގޮނޑީގެ އީދަކީ ރަށުގެ ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށް ދޭ ކަމެއްވެސް މެއެވެ.
400 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ބުރުނީގެ ވާހަކަ ނުދައްކާ މީހަކު މިހާރަކުވެ. އެންމެން ވެސް ދައްކަނީ ބުރުނީ އަށް މަސް ހިފަން ދާން ބޭނުންވާ ވާހަކައެވެ.
ދަތުރު ހަދާފައި ބުރުންޏަށް ދަމާ ހިނގާށެވެ.