ރާއްޖެ ދަނީ ބަނގުރޫޓު ވަމުން ކަމަށާ ރާއްޖޭގެ ހަރުމުދާ ރައީސް ސޯލިހުގެ ސަރުކާރުން ވިއްކަނީ ދެން ވެރިކަމަށް ނޭރޭނެކަން އެނގޭތީކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލަތަކަށް ބެލުމަށް ފަހު މޫޑީސް އިން ރާއްޖޭގެ ރޭޓިން ދައްކުރުމާ ގުޅިގެންނެވެ.
އެ ޓުވީޓުގައި ޝަރީފް ވިދާލުވެފައި ވަނީ ރާއްޖޭގެ ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި ހަރުމުދާތައް ވިއްކަމުން ދަނީ ދެން ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެކަން އަދުގެ ސަރުކާރަށް އެނގޭތީ ކަމަށެވެ. އަދި މުޅި ގައުމު ދަނީ ދަރަނިވެރިވަމުން ކަމަށާ، ގައުމު ސަލާމަތް ކުރެވޭނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ވެސް ޝަރީފް ވިދާޅުވެއެވެ.
މޫޑީސް އިން ރާއްޖެއަށް ކުރިން ދީފައިވާ ބީ3 އިން ސީއޭއޭ1 އަށް ވަނީ ދަށްކޮށްފައެވެ. މި ދައްކުރުމާ ގުޅިގެން ސަރުކާރުން ވެސް ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.
މޫޑީސް އިން މިގޮތަށް ރޭންކް ކޮށްފައި ވަނީ ކުރިޔަށް އޮތްތަނުގައި ވެސް ރާއްޖޭގެ ދަރަނި އިތުރުވާނެކަމަށާއި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަ ވެސް ދަރަނި އަދާކުރުމުގައި ލަސްތަކެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައެވެ.
އެހެން ނަމަވެސް ރާއްޖޭގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޫޑީސް އިން މިދިޔަ އަހަރުގެ މޭމަހު ހެދި ރޭޓިން އަށް ފަހު ރާއްޖޭގެ އިގުތިސޯދީ ހާލަތަށް އައި އެދެބޭ ބަދަލުތަކަށް ރަނގަޅަށް ރިޔާއަތް ނުކުރާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގިސޯދަށް ބޮޑު ލޮޅުމެއް އައި ނަމަވެސް ރާއްޖޭގެ އިގިސޯދަށް އެދެވޭ ކުރިއެރުމެއް ލިބި އިގުތިސޯދު މިހާރު ހުރީ ދަރަނި ދެއްކޭ ހާލަތުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އިގުތިސޯދީ ގޮތުން ބަލާއިރު ދަރަނި ނުދެއްކޭނޭ ހާލަތެއް ދިމާ ނުވާ ކަމަށާއި ލަސް ނުކޮށް ދަރަނި ދެއްކޭނެ ގާބިލުކަންވެސް ލިބިފައި ވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި 62 ޕަސެންޓުން 115 ޕަސެންޓަށް ވަނީ އުފުލިފައެވެ. ނަމަވެސް އެ އަދަދު މިހާރު ދަށް ކުރެވި، މެދުރާސްތާއެއްގައި ރާއްޖޭގެ ޖީޑީގެ ކުރިއަރާނެ ކަމަށް ބުނެއެވެ.