ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިއަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހަމަޖެއްސެވި ބްރިޓިޝް ކުއީން ކައުންސިލުގެ މެމްބަރު ކާސްޓީ ބްރިމެލޯ އަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުން ބުނެފިއެވެ.
އެކަމަނާއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މަޝްހޫރު ބޭފުޅެކެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ރައީސް ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އެކަމަނާގެ ތަޖުރިބާގެ ދަށުން މަސައްކަތް ކުރާނެ ކަމަށެވެ. ހާއްސަކޮށް އެ ހަމަލާ ރާވާ ހިންގައި އަދި ފަންޑުކުރި މީހުން ހޯދުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަަމަށެވެ.
ރައީސް ނަޝީދުގެ ވަކީލަށް މަޖިލީހުން އެއްވެސް ހަރަދެއް ކުރޭތޯ ސުވާލުކުރުމުން މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މީގެ ކުރިން މަންދޫބެއް ހަމަޖެއްސި އެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.
ރައީސް ނަޝީދަށް މޭ ހަވަނަ ދުވަހުގެ ރޭ އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ޖުމްލަ ދިހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެތަނުން ހަތަރު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލައިފައެވެ. ދިހަ މީހުންގެ ތެރެއިން އެކަކު ވަނީ ދައުވާކުރެވޭވަރަށް އަދި ހެކި ނެތުމުން ދޫކޮށްލާފައެވެ.
ނަޝީދު އަަވަހާރަކޮށްލަން މިދިޔަ މޭމަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ހަމަލާއަށް ފަހު ރާއްޖޭން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެ ފަހުން މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ފެށުމާއި އެކު ނަޝީދުގެ ޗުއްޓީ އިތުރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ސިޓީގައި އެމަނިކުފާނު ވިދާޅުވީ ހަމަލާއާ ގުޅުން ހުރި އެންމެން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީސް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން އެމަނިކުފާނާއި އާއިލާ އަދި ހެޔޮއެދޭ ފަރާތްތަކުން ވެސް ޖެހިލުންވާ ކަމަށެވެ.