ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ވަޑައިގަތީ އަމިއްލަފުޅު ފައިދާއަށް ވިއްކާލައްވާނެ 2 ރަށެއް ބައްލަވަން ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އަދުރޭ މިއަދު ވިދާޅުވީ ރައީސް ސޯލިހު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާއި ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށް ވިއްކާލައްވަން ރާއްވަވާފައި ވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދުރޭ އެހެން ވިދާޅުވި އިރު އެ 2 ރަށް ވިއްކަން އުޅޭނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

ރައީސް ސޯލިހު ތ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެށްޓެވީ އިއްޔެ ހަވީރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ކޮޅުމަޑުލުގެ 7 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި އެ ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި، ދަނޑުވެރިން އަދި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.