މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލާއި އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު މައްޗަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި މި ދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 1.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 48 ޕަސަންޓްގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި 293 މިލިއަން ރުފިޔާ ލިބިފައި ވާއިރު މި އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބިފައި ވަނީ 242 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 17 ޕަސަންޓު ދަށް ވުމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 203 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނި 219 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 8 ޕަސަންޓް މަތި ވުމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަށެވެ. އެގޮތުން ތައިލެންޑަށް 32 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ 10 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި އިނގިރޭސި ވިލާތަށް ވަނީ އަށް ޕަސެންޓް މުދާ ބޭރުކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޗައިނާ، ސިންގަޕޫރް އަދި އިންޑިއާއިންނެވެ. އެއީ ޗައިނާ އިން އެތެރެކުރި 434 މިލިއަން ރުފިޔާގެ މުދަލާއި ސިންގަޕޫރުން 348 މިލިއަން ރުފިޔާގެ މުދާގެ އިތުރުން އިންޑިއާއިން އެތެރެ ކުރި 330 މިލިއަން ރުފިޔާގެ މުދަލެވެ.