ސްކޫލް ކުދިންގެ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންދިނުމުގެ ޕްރޮގްރާމްގައި މާލެއާ އަތޮޅުތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިމަހު 15 ވަަނަ ދުވަހު ފާށާފައިވާއިރު 19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ