ފާއިތުވެ ދިޔަ 20 ވަރަކަށް އަހަރު ދުވަހަކީ އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް، އެއް ގޮތަށް ވުރެ ގިނަ ގޮތުން، ހެޔޮ ބަދަލުތަކެއް ގެނުވި އަހަރުތަކެކެވެ. އެންމެ ބޮޑު ތަފާތެއް އިހުސާސް ކުރި ބަޔަކީ އަންހެނުންނާއި އަންހެން ކުދިންނެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރާ، ތޯލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައުމާއެކު އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކުރިއަރާ ދާން ފެށިއެވެ. ފާހަގަ ކޮށްލެވޭ މިންވަރުގެ ކުރިއެރުން ތަކެއް، ތައުލީމާއި ހައްގުތަކުގެ ރޮނގުންވެސް ފެންނަން ފެށިއެވެ.

1999 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސަނާވީ ސްކޫލެއްގެ ހާޒިރީގައި އެންމެ އަންހެން ދަރިވަރެއްގެ ނަމެއްވެސް ނެތެވެ. އިބްތިދާއީ ނުވަތަ ފްރައިމަރީ މަރުހަލާގައި 9000 އެއްހާ އަންހެން ދަރިވަރުން ދަފުތަރު ކޮށްފައިވެއެވެ.

އަފްގާނިސްތާނުގައި އަންހެނަކު ކުޑަކުއްޖަކު އުރައިގެން

އެއާ ހިލާފަށް އަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 3.5 މިލިއަން އަންހެން ކުދިންނަކީ ތައުލީމު ހާސިލު ކުރަމުން ދާ ކުދިންކަން ފާހަގަ ކުރަންޖެހެއެވެ. ޕްރައިވެޓް އަދި ޕަބްލިކް ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ އާބާދީގެ ގާތްގަނޑަކަށް 3 ބައިކުލަ 1 ބަޔަކީވެސް އަންހެނުންނެވެ.

އާންމު ދިރިއުޅުމުގެ ކަންކަމުގައި އަންހެނުން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ. ސިޔާސީ މަގާމުތަކުގެ އިތުރުން ވިޔަފާރިގައިވެސް މަސްއޫލުވެއެވެ.

މި ހުރިހާ ކަމެއް ބަދަލުވާން ފެށީ، އެމެރިކާގައި ހަނގުރާމަ ކުރަމުން ދިޔަ އެމެރިކާ ސިފައިން އެ ގައުމު ދޫކޮށް ފައިބަން ފެށި ހިސާބުން، ތޯލިބާނުންގެ ބާރު ގަދަވާން ފެށުމާއެކުގައެވެ. އަމަލީ ގޮތުން މާ ބޮޑު ބަދަލުތަކެއް އަދި ނުފެނުނު ކަމުގައި ވީ ނަމަވެސް، ހަރުކަށި ފިކުރުގައި ހައްދު ފަހަނައަޅާ ގޮސްފައި ވާ ތޯލިބާނުންގެ ދަށުގައި އަންހެނުން ނިކަމެތި ވެދާނެ ކަމުގެ ބިރު، މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި، ތޯލިބާނުން ކޮންޓްރޯލް ކުރަމުން ދިޔަ ސަރަހައްދުތަކުގައި، އަންހެން ކުއްޖަކު ތަސައްރަފުފުދުމުން، ސްކޫލަށް ދިއުމުގެ ފުރުސަތު ދީފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ ހަނގުރާމަވެރި އޮފިޝަލުންނެވެ.

ހަރުކަށި ފިކުރުގެ ތޯލިބާނުން ކޮންޓްރޯލް ނެގުމާއެކު އަފްގާން އަންހެނުންނާއި ކުޑަ ކުދިން ވަނީ ބިރުވެރިކަމެއްގެ ތެރޭގައި / ފޮޓޯ: ދަ ނޭޝަން

ނަމަވެސް، ތޯލިބާނުން ބުނަމުން ދަނީ އެއީ މިހާރު ބަދަލު ވެފައި ވާ ޖަމާއަތެއް ކަމަށެވެ. އިސްލާމީ ގާނޫނީ އިމުގެ ތެރެއިން އަންހެނުންނަށް ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމަށް އެޖަމާއަތުން ދަނީ ބުނަމުންނެވެ.

އަފްގާނިސްތާނުގެ ވެރިރަށް، ކާބުލްގެ ކޮންޓްރޯލް ނެގުމަށްފަހު ކުރިއަށް ގެންދިޔަ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ޖަމާއަތުގެ ތަރުޖަމާނު، ޒަބީއުއްލާ މުޖާހިދު ވަނީ، ވަޒީފާއަށް ނިކުތުމުގެ މިނިވަންކަންވެސް އަންހެނުންނަށް ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލުތަކާއި ޝަރުތުތަކެއް އޭނާ ހާމައެއް ނުކުރެއެވެ.

ތޯލިބާނުންގެ މުޖުތަމައެއްގައި އަންހެނުންނަކީ ހަރަކާތްތެރި ބަޔަކަށް ވާނެ ކަމަށާ، ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުވެސް ދޭނެ ކަމަށް މުޖާހިދު ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ތޯލިބާނުން ވަނީ މުޅި އަފްގާނިސްތާނަށް އާންމު އަފޫ އިއުލާން ކޮށްފައެވެ. އަދި ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ބޭނުން ވާ ކަމަށްވެސް އިއުލާން ކޮށްފައެވެ.

އެނަލިސްޓުން ބުނާ ގޮތުގައި މިއީ ޕަބްލިސިޓީ ކެމްޕޭނެކެވެ. ޓީވީ މެދުވެރިކޮށް މުޖާހިދު ދެއްކި ވާހަކަތައް އަޑުއަހަން ތިބި އަންހެނުންގެ ތެރޭގައިވެސް މި ވާހަކަތައް ގަބޫލު ކުރަން ފަސްޖެހޭ މީހުން މަދެކޭ ނުދެންނެވޭނެއެވެ.