ތ. ތިމަރަފުށީގައި ސަރުކާރުން އިމާރާތްކުރުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

ރައީސް މިހާރު ތިމަރަފުށްޓައް ކުރައްވަމުން ގެންދަވާ މިދަތުރުގައި އެރަށުގައި އަޅާ ޔުނިޓުގެ ހައުސިން ޔުނިޓްގެ މަސައްކަތްތައް ބައްލަވާލުމަށް ކޮންސްޓްރަކްޝަން ސައިޓަށް މިއަދު ވަޑައިގަންނަވާފައިވާއިރު މިހާރު މި ޔުނިޓްތަކުގެ ފައުންޑޭޝަން އަދި އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުންދާ މަސައްކަތް ކުރާ މީހުންނާ ބައްދަލުކުރައްވާ އެ މަސައްކަތާ ގުޅިގެން މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ތިމަރަފުށީ ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 71.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެއްބުރީގެ 100 ހައުސިން ޔުނިޓު އިމާރާތް ކުރާ އިރު ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނަ، ބަދިގެ އަދި ސިޓިން ރޫމްގެ އިތުރުން ލޯންޑްރީ ބައެއްވެސް ހިމެނެއެވެ.